އެ ކެމްޕެއިން ޓީމުގައި ހިމެނިވަޑައިގަންނަވާ ބޭފުޅަކު "މިހާރު" އަށް މިއަދު ވިދާޅުވީ 2028 ގެ ރިޔާސީ އިންތިހާބުގައި ވާދަނުކުރައްވަން އިބޫ ނިންމަވާފައިވާ ކަމަށެވެ. އަދި ފައިސަލް އެ އިންތިހާބަށް ނެރުއްވުމަށް އިބޫ ފުރިހަމައަށް ތާއީދު ކުރައްވާފައިވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

"އިބޫގެ ބެކިންއާ އެކު ފައިސަލް ޕްރައިމަރީ އަށް ނުކުމެވަޑައިގަންނަވަނީ. އެ ޔަގީންކަން ވަނީ ލިބިފައި،" އޭނާ ވިދާޅުވި އެވެ.

ނައިބު ރައީސްކަމުގެ ފަސް އަހަރުގެ ދައުރު މިހާތަނަށް ފުރިހަމަ ކުރެއްވި ހަމައެކަނި ބޭފުޅާގެ ޝަރަފު ލިބިވަޑައިގެންފައިވާ ފައިސަލްގެ ރަނިން މޭޓެއްގެ ގޮތުގައި ނިކުންނަވާނީ މާލޭގެ މޭޔަރު އާދަމް އާޒިމް ކަމަށް އެނގިފައި ވެ އެވެ.

"މިހާރު" އާ ވާހަކަ ދެއްކެވި އޮފިޝަލް ވިދާޅުވީ، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން ކުރިއަށް އޮތް މަދު ދުވަސްތަކުގެ ތެރޭގައި ފައިސަލް އިއުލާން ކުރައްވައި ކެމްޕެއިން ފައްޓަވާނެ ކަމަށެވެ.

އެމްޑީޕީގެ ފަރާތުން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ނެރޭނެ ކެންޑިޑޭޓަކު ހޮަވަން ބާއްވާ ޕްރައިމަރީގައި ފައިސަލް ވާދަކުރެއްވުމާ ގުޅޭ ގޮތުން މިދިޔަ އާދިއްތަ ދުވަހު ވެސް އިބޫއާ މަޝްވަރާ ކުރެއްވި އެވެ.

އެކަމަކު އޭގެ ތަފުސީލެއް ފައިސަލްގެ ފަރާތްޕުޅުން އަދި ނުދެއްވަ އެވެ. އަދި 2028 ގެ ރިޔާސީ އިންތިހާބަށް އެމްޑީޕީގެ ޓިކެޓް ހޯއްދަވަން ފައިސަލް ކުރައްވާ މަސައްކަތްޕުޅާ ގުޅޭ ގޮތުން ވެސް އެ މަނިކުފާނު މިހާތަނަށް ހުންނެވީ ހިމޭނުންނެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓް ހޯއްދަވަން ނުކުންނަވާ ފައިސަލަށް ތާއީދު ކުރައްވަން އިބޫ ނިންމެވި ނަމަވެސް 2023 ގެ ރިޔާސީ އިންތިހާބުގައި އިބޫގެ ރަނިންމޭޓަކަށް ހަމަޖެއްސެވީ ފައިސަލްގެ ބަދަލުގައި ހިތަދޫ އުތުރު ދާއިރާގެ އޭރުގެ މެމްބަރު މުހައްމަދު އަސްލަމެވެ.

ފައިސަލް އެމްޑީޕީއާ އެންމެ ފުރަތަމަ ގުޅިވަޑައިގަތީ 2005 ގަ އެވެ. ނަމަވެސް މިހާރުގެ ގާނޫނުއަސާސީ ތަސްދީގު ކުރި ދުވަސް ކަމަށްވާ އޮގަސްޓް 7، 2008 ގައި އެމްޑީޕީ ދޫކުރައްވައި ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގަތެވެ. ޖުމްހޫރީ ޕާޓީގައި 16 އަހަރު ހޭދަކުރެއްވުމަށް ފަހު، އެ މަނިކުފާނު އަލުން އެމްޑީޕީ އަށް ސޮއިކުރެއްވީ ފެބްރުއަރީ 22، 2024 ގަ އެވެ. ފައިސަލް ޖުމްހޫރީ ޕާޓީ ދޫކުރެއްވީ ޖެނުއަރީ 2024 ގަ އެވެ.