ނޮވެމްބަރު 2023، ގައި ހިއްކަން ފެށި މާސިންގާ ފަޅު، ރަށަކަށް ބަދަލުވެ، އެއީ މިއަދު ރާއްޖޭގައި އޮތް އެންމެ ބޮޑު އަދި އަގުހުރި ބިމެވެ. ނަމަވެސް، ހިއްކަން އެޅި ވެލިން ލޮނު ވަސް ނުކެނޑެނީސް 99 އަހަރަށް އެ ބިމުގެ ދެބައިކުޅަ އެއްބައި ދިވެހިންނަށް ގެއްލިއްޖެ އެވެ. ރަސް ސަހަރުގެ ފަސްގަނޑު ހަމަނުޖެހެނީސް ދުބާއީގެ އީގަލް ހިލްސްއަށް ރަސްމާލެއިން 500 ހެކްޓަރު ދިނުމަށް ސަރުކާރުން އެއްބަސްވެއްޖެ އެވެ.
ރިޕޯރޓް
ރަސްމާލެ ޑީލް: 500 ހެކްޓަރު ބިމަށް ރާއްޖެއަށް ލިބެނީ "ޗިޕްސް"
•
29/09/2026 13:34
•
29/09/2026 13:34
•
ބެލި:
549
އީގަލް ހިލްސްއާއެކު ވެފައިވާ އެއްބަސްވުމުގެ ހާމަކަން ކުޑަވުމާއި، އެހެން ގައުމުތަކުގައި އެ ކުންފުނިން ހިންގާފައިވާ މަޝްރޫއުތަކުން ދައުލަތަށް ލިބުނު ފަދަ ހިއްސާއެއް ރާއްޖެއަށް ނުލިބުމަކީ ބޮޑު ބޭއިންސާފެއް. ދިވެހި ދައުލަތަށް ލިބޭ ބަދަލަކީ ބިމުގެ ހަގީގީ އަގާ އަޅާބަލާއިރު "ޗިޕްސް" ކޮޅެއް.
ޗައިނާ އާއި ޔޫރަޕުގެ ޖައްރާފުތަކުން މުޅި މާލެ އަތޮޅުގެ އެތެރެވަރީގައި ދުއްވަމުން އެ ގެންދަނީ އެންމެ ބޭނުމަކަށެވެ. އެތައް މިލިއަން އަހަރަކުން އުފެދިފައި އޮތް މި ޖަޒީރާގެ ކަނޑު އަޑީގައި ހުރި ހުރިހާ ވެއްޔެއް ނަގައި ހުސްކުރުމަށެވެ. މާލެއާ 15 މިނެޓު ދުރުގައި އޮތް ފުށިދިއްގަރު ފަޅު ފެނުން މައްޗަށް އުފުލި، ހިކެމުން އެ ދަނީ އެ ޖައްރާފުތަކުގެ ފަލުކާއަށް އަޅައިގެން ގެނެސް އޮއްސަމުންދާ ވެލިންނެވެ. އެ ވެލި ވަރަށް ސާފުކޮށް ފެންނަން އެބަހުއްޓެވެ. އެކަމަކު ޖައްރާފުތައް ހިންގުމަށް ހޭދަކުރީ ހަރަދެއް ނުފެނެ އެވެ. ނުވެސް އެނގެ އެވެ. އަންދާޒާ ބިލިއަން ޑޮލަރަށްވުރެ އިތުރެވެ.
ކޮމެންޓުތައް