- އެ ބިޔަ، ބޮޑު މަޝްރޫއު މުއިއްޒު އިފުތިތާހުކޮށްދެއްވީ އެމަނިކުފާނު ދިވެހިރާއްޖޭގެ ވެރިކަމުގެ ހުވާ ކުރެއްވިތާ 31 ވަނައަށްވީ ދުވަހު އަސުރުން ތިރިވެފައި ހުއްޓައި ކަނޑުމަތީގަ އެވެ. ހަވީރުގެ ފިނި ރޯޅިތަކަށް ޖައްވު އިންތިޒާރުކުރަމުން ދަނިކޮށް މާލޭގެ ކުދި ގޮޅިތަކުގެ ހާސްކަމުގެ ތެރޭގައި ގަނަތެޅެމުންދާ އެތައް ހާސް ރައްޔިތުންނަށް މުއިއްޒު އެ ދުވަހު ވަރަށް ބޮޑު އުއްމީދެއް ދެއްވި އެވެ.
"މިއީ، މިހައިތަނަށް ހިއްކޭ އެންމެ ބޮޑު ބިން. އެންމެ ރަސް، ބޮޑު ބިން. މިތަނަށް އަޅުގަނޑުމެން ކިޔާނީ ރަސްމާލެ. ރަސްމާލެ ބިން ހިއްކުމުގެ މަޝްރޫއު އިރާދަ ކުރެއްވިއްޔާ، އަޅުގަނޑުމެން މިއަދު މި ފަށަނީ،" މުއިއްޒު ވިދާޅުވި އެވެ.
- "މީގެ ސަބަބުން އިރާދަކުރެއްވިއްޔާ އަޅުގަނޑު ދެންމެ ދެންނެވި ފަދައިން، މާލެ ސަރަހައްދުގައި ދިރިއުޅޭ ހުރިހާ ރައްޔިތުންގެ ގެދޮރުގެ މައްސަލަ، ދެންމެ މި ދެންނެވި ފަދައިން، ދެން މި ހިއްކާ ބިންތަކަށް [ގުޅީފަޅަށް އިތުރުކުރި 85 ހެކްޓަރާއި ގިރާވަރުފަޅަށް އިތުރުކުރި 50 ހެކްޓަރު] އިތުރު ކުރެވޭ ބިމާ އެކުއެކީގައި ހައްލުކޮށްދޭނެކަމުގެ ފުރިހަމަ ޔަގީންކަން އަޅުގަނޑު ﷲ އިރާދަފުޅާ އެކީގައި، މި ފަސް އަހަރު ނިމިގެންދާއިރު، އެއްކޮށް ހައްލުވެގެންދާނެކަން ޔަގީންކަން ތަކުރާރުކޮށް އަރުވަން."
މެދުހަށްޓާ ހަމައަށް ދެ އަތްޕުޅު އުފުއްލަވައި ހުންނަވައި މުއިއްޒު އެ ދުވަހު ދެއްވި ޔަގީންކަމަކީ އެތައް ނިކަމެތީންނަކަށް ލިބުނު އުފާވެރި ހަބަރެކެވެ. އެހެން ނުވާންވީ ސަބަބެއް ވެސް ނެތެވެ.
ދައުލަތުގެ ބަޖެޓުން "ލޯ ލާރިއެއް ވެސް" ހަރަދުނުކޮށް އެ މަޝްރޫއު ނިންމަން ސަރުކާރުން އަމާޒުހިފީ އެންމެ އަށް މަސްދުވަހުންނެވެ. ރަސްމާލެ ތަރައްގީކުރަން ސަރުކާރުން ނިންމީ ދިވެހިރާއްޖޭގެ މުޅި އާބާދީގެ ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ މީހުންނަށް ވަޒަންވެރިވެ ދިރިއުޅެވޭނެ ގޮތަށެވެ.
ނަމަވެސް، މި އަހަރުގެ ޑިސެމްބަރަށް، އެ މަޝްރޫއު ފެށިތާ ތިން އަހަރުވާއިރު، އެކި ގޮތްގޮތަށް ރަސްމާލޭގެ ޕްލޭންތައް ބަދަލުވެއްޖެ އެވެ. އަށް މަސްދުވަހުން ހިއްކަން ބުނި އެ ބިން ހިއްކަމުންދާތާ 33 މަސްދުވަސްވެއްޖެ އެވެ. ދައުލަތުން އެއްވެސް ހަރަދެއް ނުކޮށް ހިއްކައި ނިންމަންވީ ވައުދު ބޮލާލާޖަހައިފި އެވެ. އެކަމަށް ހަރަދު ކުރި، އަދި ކުރާ ވަރު ވެސް އޮތީ ބޮޑު ފޮށްޓަށްލައި ތަޅު އަޅުވައިފަ އެވެ.
"ހިލޭ" ފެށި ރަސްމާލެ ބިލިއަން ޑޮލަރުގެ ހުސް ވެލިގަނޑަކަށްރަސްމާލެ މަޝްރޫއަކީ ބޯހިޔާވަހިކަމުގެ މައްސަލައަށް އޮތް ދާއިމީ ހައްލެއް ކަމަށް ސަރުކާރުން ބުނި ނަމަވެސް، މިއީ ތިމާވެއްޓަށް ބޮޑެތި ގެއްލުންތަކެއް ލިބޭ އަދި މާލީ ގޮތުން ދެފުށް ނުފެންނަ ބިޔަ މަޝްރޫއެއް. މި ޕްރޮޖެކްޓުގެ އަމާޒު ހުރިގޮތުން މި ހުރިހާ ކަމެއްގެ ނަތީޖާއަކީ ބޮޑު މާސިންގާ ހުސް ވެލިގަނޑެއް.
އެހެން އެކަން އޮއްވައި މިދިޔަ ހޯމަ ދުވަހު ސަރުކާރުން ވަނީ ރަސްމާލެއަށް މުޅީން އައު ޕްލޭނެއް އިއުލާނުކޮށްފަ އެވެ. ބޯހިޔާވަހިކަމުގެ "ޓޯޓަލް ސޮލިއުޝަން" ގެ ގޮތުގައި މުއިއްޒު ސިފަކުރައްވަމުން އައި ރަސްމާލޭގެ ދެބައިކުޅަ އެއްބައި ބޭރު ކުންފުންޏަކަށް ދޭން ނިންމީ އެވެ. ދިވެހީންނަށް ހާއްސަކޮށްގެން ހިއްކަން ފެށި ރަސްމާލޭގެ އެއްބައި މުއްސަނދިންގެ ސަހަރަކަށް ހަދަނީ އެވެ.
ވެލިފުކެއް ވެސް ކުއްޔަށް ނުދޭން ބުނި ރަސްމާލޭގެ ދެބައިކުޅަ އެއްބައި ވިއްކާލައިފި
މުއިއްޒުގެ ފޮޓޯގެ ތިރީގައި ފަލަ އަކުރުން "ދިވެހީންގެރާއްޖެ" ޖަހާފައި ހުރި ބޮޑެތި ބޯޑުތަކުން ޖަރީކޮށްފައި އޮތް ބާޖެއްގައި ހުންނަވައި ރަސްމާލޭގެ ބިޔަ ބޮޑު ޕްރޮޖެކްޓު މުއިއްޒު ފުރަތަމަ އިފުތިތާހުކޮށްދެއްވީ ދައުލަތުގެ ބަޖެޓުން އެކަމަށް އެއްވެސް ހަރަދެއް ކުރަން ނުޖެހޭ ގޮތަށެވެ.
"ރަސްމާލެ މަޝްރޫއު ފެށިގެން މިހާރު އެދަނީ ކުރިއަށް. އެ މަޝްރޫއު ކުރިއަށް އެ ދަނީ ދިވެހި ދައުލަތުގެ ބަޖެޓުން އެއްވެސް ހަރަދެއް ކުރަން ނުޖެހޭ ގޮތަށް. އިރާދަކުރެއްވިއްޔާ އެ މަޝްރޫއު އެގޮތުގައި ކުރިއަށް ގެންގޮސް ނިންމައިލާނަން،" ޑިސެމްބަރު 20، 2023 ގައި މުއިއްޒު ވިދާޅުވި އެވެ.
މުއިއްޒުގެ "ލެގަސީ ޕްރޮޖެކްޓު" ނިންމަން ފައިސާ ފޮއްޗެއް ދޭން ނުޖެހުނު ނަމަވެސް، އެ މަސައްކަތް އޭރު ހަވާލުކުރި ކުންފުންޏަށް ވަރަށް ބޮޑު އަގެއް ދޭން ސަރުކާރުން އޮތީ ސިއްރުން ނިންމައިފަ އެވެ.
ރަސްމާލެ ހިއްކުމުގެ މުގާބިލުގައި ސްރީ ލަންކާގެ ކެޕިޓަލް މެރިން އެންޑު ކޮންސްޓަރަކްޝަން ކޮމްޕެނީ (ސީއެމްސީސީ) އަށް ދޭން ސަރުކާރުން އޭރު ނިންމާފައި އޮތީ ދިވެހީންގެ މި ރާއްޖެއިން 70 ހެކްޓަރުގެ ބިމެވެ. އެއީ ހުޅުމާލެއިން 10 ހެކްޓަރާއި ފުށިދިއްގަރުފަޅުން ހިއްކާ 60 ހެކްޓަރެވެ. އެ ބިންތަކުގެ ޖުމުލަ އަގު 45 ބިލިއަން ދިވެހި ރުފިޔާއަށް އަރަ އެވެ.
މެނިފެސްޓޯއަށްވުރެ ބޮޑަށް ހުއްރިއްޔަތާއި ހުއްބުލްވަތަން ވިއްކަވައިގެން ވެރިކަމަށް ވަޑައިގެންނެވި ބޭފުޅަކު ރާއްޖޭގެ ބިމުން ބައެއް ބޭރުގެ ކުންފުންޏަކަށް ދޫކޮށްލަން ނިންމާފައި އޮތުންވީ އާންމުންގެ ފާޑުކިޔުން ވެސް އެކަމަށް އިންތިހާއަށް އަމާޒުވި ކަމަކަށެވެ.
އެ ފާޑުކިޔުންތަކަށް ރައްދު ދިނުމުގެ ހިތްވަރެއް ނެތިފައި ފުށިދިއްގަރު ފަޅުން ހިކިފައި ހުރި ފުއްކަރަށް ބަލަހައްޓައިގެން ތިބުމަށްފަހު، ސީއެމްސީސީއާއެކު ހެދި އެއްބަސްވުން ބާތިލުކުރިކަން ޖުލައި 26، 2024 ގައި މުއިއްޒު އިއުލާނުކުރެއްވި އެވެ.
އެ ވާހަކަ މުއިއްޒު ދެއްކެވީ އޭގެ ހަ މަސްދުވަސްކުރިން އެމަނިކުފާނު އަމިއްލަފުޅަށް ނިންމެވި ނިންމެވުމަށް ފާޑުވިދާޅުވާ މޭރުމުންނެވެ.
"ރަސްމާލޭގެ މަސައްކަތް ކުރިން ހިންގިގޮތް އަޅުގަނޑުމެންނަށް ކަމުނުގޮސްގެން، އެ އެގްރިމެންޓު ބާތިލުކޮށް، މިހާރު އެއްވެސް ފަރާތަކަށް ބިމެއް، ކުރު މުއްދަތަކަށްވިޔަސް، ދިގު މުއްދަތަކަށްވިޔަސް ދޭން ނުޖެހޭ ގޮތަށް ހިންގަން ނިންމައި، އެ މަސައްކަތް އެވަނީ އަލުން ފެށިފައި،" މިނިވަން ދުވަހުގެ މުނާސަބަތުގައި ބޭއްވި ޖަލްސާގައި ދިވެހި ރައްޔިތުންނާ މުހާތަބުކުރައްވައި މުއިއްޒު ވިދާޅުވި އެވެ.
"އެ ތަނުން ހިއްކާ ކޮންމެ ބިމެއްގެ، ކޮންމެ ވެލިފުކަކީ ދިވެހި ރައްޔިތުންނަށް މިލްކުވާ ވެލިފުކެއް. އެއްވެސް ބޭރު ފަރާތަކަށް އެންމެ ދުވަހަކަށް ވެސް ކުއްޔަށް ދޭން، ނޫނީ ހިލޭ ވެސް ލިބޭނެ ބިމެއްނޫން، ދެން އެ ތަނުން ހިކިގެން ދާނީކީއެއް."
ކޮމެންޓުތައް