ދައުލަތުގެ މީޑިއާ ޕީއެސްއެމް އިން ގެނެސްދޭ "ނޭޝަން ޗެޓް" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން މުއިއްޒު ވަނީ އެ މަޝްރޫއު ހިންގި ނަމަވެސް ސަރުކާރުގެ ޕްލޭނަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށް ވިދާޅުވެފަ އެވެ. ރަސްމާލެ ހިއްކަން ފެށިއިރު މުއިއްޒު އެ ރަށް ސިފަކުރެއްވީ ބޯހިޔާވަހިކަމުގެ "ޓޯޓަލް ސޮލިއުޝަން" ގެ ގޮުތުގަ އެވެ.

"އެއްވެސް ރައްޔިތެއްގެ ބޯހިޔާވަހިކަމުގެ އެއްވެސް ކަމަކަށް ހުރަހެއް ނޭޅޭ. ހަމަ ވަރަށް ކާމިޔާބުކަމާއެކީ ކުރިއަށްދާނެ މަޝްރޫއުއެއް މިއީ،" މުއިއްޒު ވިދާޅުވި އެވެ.

ރަސްމާލޭގައި ވޯޓާފްރަންޓަކާއި މެރީނާއެއް ހިމެނޭހެން ބޮޑު އިންޓަގްރޭޓަޑް މަޝްރޫއެއް ހިންގުމަށް އީގަލް ހިލްސްއަށް ދޭން ނިންމާފައި ވަނީ ކިހައި ބޮޑު ބިމެއްކަމެއް ސަރުކާރުން އަދި، ރަސްމީކޮށް ހާމައެއް ނުކުރެ އެވެ. އެކި މަސްދަރުތަކުން އެނގިފައިވާ ގޮތުގައި އީގަލް ހިލްސް ކުންފުންޏަށް ރަސްމާލެއިން ދޭން ނިންމާފައި އޮތީ 500 ހެކްޓަރުގެ ބިމެކެވެ.

"... އެހެންނަމަވެސް ކުރަން އުޅޭ ކަންތައް ކުރުމުގައި، ކުރަން ވިސްނާފައި އޮތް ގޮތަކަށް އެއްވެސް ބަދަލެއް ނާދޭ،" މުއިއްޒު މިހެން ވިދާޅުވި ނަމަވެސް ރަސްމާލޭގެ ބޮޑު ބައެއް ދޫކޮށްލުމުން ހިންގަން ވައުދުވި ބޯހިޔާވަހިކަމުގެ މަޝްރޫތައް ހިންގާނެ ޖާގައެއް ނުހުންނާނެ އެވެ. 
  • ރަސްމާލެއިން ހިއްކާ ބިމުގެ 500 ހެކްޓަރު އީގަލް ހިލްސްގެ ޕްރޮޖެކްޓަށް ދިނުމުން އެ ރަސް ސަހަރުގައި ބާކީ އޮންނާނީ 510 ހެކްޓަރެވެ. ހިނގާބިނގާވެ އުޅެން އެއްވެސް މަގެއް، ހޮސްޕިޓަލެއް، ސްކޫލެއް ތަރައްގީނުކޮށް މުއިއްޒު ވައުދުވެވަޑައިގެންނެވި ގޮތަށް 1،250 އަކަފޫޓުގެ 25،000 ގޯއްޗާއި 40،000 ފްލެޓު އިމާރާތްކުރަން އެކަނި ވެސް މަދުވެގެން 365 ހެކްޓަރުގެ ބިން ބޭނުންވާނެ އެވެ.

ރަސްމާލެ ތަރައްގީ ކުރަން ނިންމާފައި ވަނީ ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގަ އެވެ. އެތަން ތަރައްގީ

ކުރަނީ ބިދޭސީންނަށް އެތަނުގައި ދިގު މުއްދަތަކަށް ދިރިއުޅެވޭނެ ގޮތަށެވެ. ރަސްމާލޭގައި ބިނާ ކުރާ އެޕާޓްމަންޓުތަކާއި ވިލާތައް ބިދޭސީންނަށް ވިއްކަން އީގަލް ހިލްސް އިން މިހާރު ވެސް ވަނީ ހުޅުވާލައިފަ އެވެ. 

ރަސްމާލޭގައި ދިރިއުޅޭ މީހުންނަށް ހިދުމަތް ދޭން ހޮސްޕިޓަލަކާއި ސްކޫލަކާއި މުނިފޫހިފިލުވައިދޭ ތަންތަން ވެސް ބިނާ ކުރާނެ އެވެ. އެތަނުގައި ހިދުމަތް ދޭނީ ހަލާލު ޓޫރިޒަމުގެ މޮޑަލަށް ކަމެއް އަދި ނޭނގެ އެވެ. ސަރުކާރުން އެކަން އަދި ހާމައެއް ނުކުރެ އެވެ.