އަދަދު އަށް އެނގިފައިވާ ގޮތުގައި މާދަމާއަށް ތާވަލުކޮށްފައި އޮތް މި އަޑުއެހުން ފަސްކުރީ އޮކްޓޯބަރު 8، ވަނަ ދުވަހުގެ ހެނދުނު 9:15 އަށެވެ.

މާދަމާ ބާއްވަން އޮތް އަޑުއެހުމަކީ ދައުވާއާ ގުޅިގެން ހުލާސާ ބަޔާން އިއްވުމަށް ހަމަޖެހިފައިވާ އަޑުއެހުމެވެ. މި އަޑުއެހުން ކެންސަލް ކުރީ، ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ދައުލަތުގެ ވަކީލުން ބަލިވެ އުޅޭތީ ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން އެދިގެންނެވެ.

ނަމަވެސް ޔާމީންގެ ވ. އާރަށް މައްސަލައިގައި ރިޝްވަތު ގަބޫލުކުރުމާއި މަނީ ލޯންޑަރިން ކުށުގެ މައްސަލައި ސެޕްޓެމްބަރު 29، ގައި ޔާމީން ކޯޓަށް ހާޒިރުވާން ކުރިން ވަނީ އަންގާފަ އެވެ. އެ އަޑުއެހުމަކީ ޝަރީއަތުގެ ކުރީގެ ހުށަހެޅުންތަކާ ގުޅިގެން ވާހަކަދެއްކުމަށް ބާއްވާ އަޑުއެހުމެކެވެ.

ވ. އާރަށް ކުއްޔަށް ދޫކުރުމުގައި ހިޔާނާތް ހިންގި ކަމަށް ބުނާ މައްސަލައިގައި ޔާމީންގެ މައްޗަށް އުފުލާފައިވާ ހިޔާނާތުގެ ދައުވާތައް ސާބިތު ކުރަން ދައުލަތުން ހުށަހެޅި އާ ހެކިތައް ބަލައިގަތީ ގޯސްކޮށް ކަމަށް ކަނޑައަޅައި ހައި ކޯޓުން ވަނީ އެ މައްސަލަ އަލުން ބަލަން ކްރިމިނަލް ކޯޓަށް އަންގައިފަ އެވެ.

އެ މައްސަލަ ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން، ޖުލައި 1، ގައި އެ ކޯޓުން ވެސް ހުކުމް ކޮށްފައި ވަނީ ހައި ކޯޓުގެ ހުކުމަށް ބަދަލު ގެންނަން ޖެހޭ ހާލަތެއް ނެތް ކަމަށެވެ.

އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތުގެ ތެރެއިން ރިޝްވަތުގެ ގޮތުގައި 1.1 މިލިއަން ޑޮލަރު ނަންގަވައި އެ ފައިސާ ލޯންޑަ ކުރެއްވި ކަމަށް ސާބިތުވާ ކަމަށް ކަނޑައަޅައި 11 އަހަރުގެ ޖަލު ހުކުމެއް އެމަނިކުފާނުގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވީ ޑިސެމްބަރު، 25، 2022 ގަ އެވެ.