'އެލައި ލިލީ' ކުންފުނިން އުފައްދައި، އަދިވެސް ކްލިނިކަލް ޓްރަޔަލްތަކުގެ މަރުހަލާގައިވާ މި ބޭހުގެ ނަކަލުތައް، "ރެޓާ" ގެ ނަމުގައި ޖިމްތަކާއި، ބިއުޓީ ސެލޫންތަކުގެ އިތުރުން ސޯޝަލް މީޑިއާ އާއި މަގުމަތީގައި މާވިއްކާ މީހުންގެ އަތުން ވެސް ލިބެން ހުންނަކަން ބީބީސީން ރިޕޯޓްކޮށްފައިވެ އެވެ.

ސިއްހީ މާހިރުން ފާހަގަކުރާ ގޮތުގައި، އަދިވެސް ޓެސްޓުކުރުމުގެ މަރުހަލާގައިވާ އާ މެޑިކޭޝަނެއްގެ ނަކަލު ބޭސްތައް މިހާ ފުޅާދާއިރާއެއްގައި އާންމުވެގެންދިޔަ މިއީ ފުރަތަމަ ފަހަރެވެ. މި ބޭސް ބޭނުންކުރާ ބައެއް މީހުން ޓިކްޓޮކް ފަދަ ޕްލެޓްފޯމްތަކުގައި ދަނީ "ބްލެކް މާކެޓް" ގެ މި ބޭސް ބޭނުންކޮށްގެން ބަރުދަން ލުއިވިކަމަށް ބުނެ ވީޑިއޯތައް އާންމުކުރަމުންނެވެ.

އިނގިރޭސިވިލާތުގެ މެޑިސިންސް ރެގިއުލޭޓާ (އެމްއެޗްއާރްއޭ) އިން ވަނީ ގަވާއިދާ ހިލާފަށް މި ބޭސް އުފައްދާ ކާރުހާނާއެއް ރެއިޑްކޮށް، ހުއްދަނެތް 2,000 އަށްވުރެ ގިނަ ރެޓާޓްރޫޓައިޑް ޕެން އަތުލައިގެންފަ އެވެ.